ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ބްރިޖުން ޓޯލް ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް މުއިއްޒު މިއަދު ހާމަ ކުރެއްވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް އިސްކަން ދެއްވުމުގެ ސަބަބުން ރައްޔިތުން އެދޭގޮތަށް  ނިޒާމުތައް ހަރުދަނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ.

”މި އުސޫލުން ވެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ މުއްދަކަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިއްޖެނަމަ، ހަގީގީ މާނައިގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ދިމިގުރާތީ ނިޒާމު ހަރުދަނާނެ. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މުސްތަގުބަލު އުޖާލާވާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ރޭ ބޭއްވި ”މާލެ ފަހި“ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި އިއުލާން ކުރިއެވެ.

އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް އިއުލާނު ކުރި ނަމަވެސް ރައްޔިތުންގެ ހާލަތު މަތި ނުވަނީސް ބްރިޖުން ޓޯލް ފީ ނުނަގާނެ ކަމަށެވެ.