އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް، ”ގޮތުގައި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ރައީސް މުއިއްޒު އަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.
ލިޔުންތެރިޔާ އަހްމަދު ސާއިލް އަލީ ލިޔުއްވާފައިވާ 190 ސަފުހާގެ މި ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދު ތައުފީގުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމެނެއެވެ.
އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމުއިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުއާދު ކުރެއްވި އާދަޔާ ހިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެއެވެ.

