މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކާފައިނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހައުސިން މިނިސްޓްރީން ވަނީ މި ފައިސާ ދެއްކުމަށް އިލްތިމާސްކޮށް، ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
މީގެއިތުރުން ހައުސިން ޔުނިޓު ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުން ތަކަށް އަދި ގަވައިދާ ހިލާފަށް ތަނަށް ބަދަލުގެނައުމުގެ އިތުރުން ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލާ، ގަވައިދާ ހިލާފު ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ ހައުސިން ޔުނިޓުތަކުގެ އެސްޓިމޭޓެޑް މަންތުލީ އިންސްޓަލްމަންޓް (އީއެމްއައި)ގެ 20 އިންސައްތަ ވަނީ މީގެކުރިން މާފުވެސް ކޮށްދީފައިވާ ކަމަށެވެ.