އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ފުރައްސާރަކޮށް ފަތުރަމުންދާ ވާހަކަތައް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޑރ.ޝަހީމްގެ އަބުރުފުޅު ނަގާލުމަށް ސޯޝަލް މީޑިއާ، އަދި ބައެއް މީޑިއާތަކުގައި ވާހަކަތައް ފަތުރަމުންދާ ދިޔުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

”ޑރ.ޝަހީމް އަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިންގާ މަޝްހޫރު، އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަން ކުރަމުން ގެންދާ ޚުލްޤުފުޅު ހެޔޮ، ދީނީ ލީޑަރެކެވެ.“ ރައީސުލްޖުމްހޫރިއްޔާ، އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ޑރ.މުޙައްމަދު މުޢިއްޒު ރީޓްވީޓް ކުރައްވާފައިވާ ބަޔާނުގައިވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ، ޑރ.ޝަހީމްގެ މިނސްޓަރު ކަމުގައި ރައީސް މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމަށް ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

ރައީސްގެ މެނިފެސްޓޯގައިވާ އިސްލާމިކް މިނިސްޓްރީއާ ގުޅޭ ކަންކަން ކުރެއްވުމަށް މިނިސްޓަރު ޝަހީމް ވަރަށް ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް ބަޔާނުގައިވެއެވެ.

ޑރ.ޝަހީމް އަކީ ކީރިތި ޤުރުއާން ހިތުދަސް ބޭފުޅެއްކަމަށާއި، އެމަނިކުފާނަކީ ފުރައްސާރަކޮށް، ދޮގު އިލްޒާމްތައް އަޅުވައިގެން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ބަޔާނުގައިވެއެވެ.

”އެއީ ދީނީ ޢިލްމު ދެނެވަޑައިގެން ހުންނެވި، ޢަޒުމް ވަރުގަދަ ލީޑަރެކެވެ. އެހެންކަމުން އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ބޭނުމުގައި، ބަޔަކު ކުރަމުން ގެންދާ ހަޑި މުޑުދާރު ނާތަހުޒީބު ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަމެވެ.“ ބަޔާނުގައިވެއެވެ.

ޕީޕީއެމް/‏ޕީއެންސީން ޑރ.ޝަހީމް ދިފާއުކޮށް ބަޔާނެއް ނެރުނު އިރު، ޝަހީމް ހޯއްދެވި ޕީއެޗްޑީގެ ސައްހަ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައި، އެމަނިކުފާނުގެ ވީޑިއޯއެއް ކަމަށް ބުނެ، ފޭކު ވީޑިއޯ އެއްވެސް އާއްމު ކޮށްފައިވެއެވެ.