މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ބަދަލު ގެނެސް، އެ އޮތޯރިޓީއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނު ކޮށްފިއެވެ.
އެ އޮތޯރިޓީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި، ގާބިލު އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބޭނުންވާ ކަމަށެވެ.
އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަށް އިއުލާންކޮށްފައިވާ ފަސް ދާއިރާއަކީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސާވިސަސް އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓެވެ.
މި މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އަދި މުސާރައާއި އިނާޔަތްތަކަކީ 50,000 ރުފިޔާއާއި 55,000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

