ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ވެސް، އެންމެ ގާތުގައި ހުންނަ އެއް ބައިވެރިޔަކީ އިންޑިއާ ކަމަށާއި، އެފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން، ރާއްޖޭގެ 28 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫއުތައް ނިންމައި، ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީއަށް ޝުކުރު އަދާ ކުރައްވަވައި، މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އައު ހަރުފަތްތަކަށް ގެންދިޔުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަވާނެ ަކަމުގައެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ހައި ކޮމިޝަނަރު، މުނޫ މަހާވަރު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ-އިންޑިއާގެ ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި، އަހުވަންތަކަމުގެ މައްޗަށް ކަމަށާއި، އިގްތިސާދީ ގުޅުމުގެ އިތުރުން، ސަގާފީ ގޮތުން ވެސް އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހީން އިންޑިއާއާއެކު އޮންނަ ގުޅުމުގެ އަގު ވަޒަން ކުރާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހީން ތައްޔާރަށް ތިބި ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ކުރިއަށް އޮތީ އިންޑިއާއާއި ރާއްޖެއަށް ވެސް ވަރަށް ފާގަތި ދުވަސްތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.