އެއްގަމާއި ކަނޑުގެ މަގުން ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިއީ ރާއްޖެއަށް މާނަކަތުގެ ވިއްސާރަ ކުރަމުން އަންނަ ދުވަސްވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެކި ސަރަހައްދުތަކަށް އެލާޓްތައް ދަނީ ނެރެމުންނެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މިރޭގެ 7:00 ފެށިގެން ދަންވަރު 1:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.
މިރޭ 9 ރަށެއްގައި ވައިގަދަވެ، ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެއްގަމު މަގުން ދަތުރު ކުރާއިރު، ވައިގަދަ ވަގުތުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑަށް ސައިކަލުގެ ދުވެލި ހިފަހައްޓަން ޖެހޭ ކަމަށާއި، ވިއްސާރައިގައި ދުއްވާއިރު، ހެޑްލައިޓު ދިއްލުމަކީ ރައްކާތެރި ކަމެއް ކަމަށެވެ.
ވަޔާއެކު ހަލާކު ނުވާނެ ވިއްސާރަ ކޯޓު ބޭނުން ކުރުމަށާއި، މަގުމަތީގައި ދުއްވާއިރު، ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި ކަނޑު ދަތުރު ކުރާއިރު، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމ ކުރުމަށް ފުލުހުން އިލްތިމާސް ކުރިއެވެ.
މީގެއިތުރުން، އެކަށީގެން ނުވާ ވަރަށް އުޅަނދަށް މީހުން ނޭރުވުމަށާއި، މުދާ ވެސް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށް އެދިފައިވެއެވެ.

