އިއްޔެ ވެރި ރަށް މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާ ގުޅިގެން ފަސް އާއިލާއެއް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އެހެންވެ، އިއްޔެ މާލޭގެ ގިނަ މަގުތަކެއް ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، މިއަދު 10:30 އާ ހަމައަށް އެހީއަށް އެދި 256 ކޯލު ލިބުނު ކަމަށާއި ފެންބޮޑުވެގެން ހާލުގައި ޖެހުނު ފަސް އާއިލާއެއްގެ 23 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ ގެތަކަށް ފެން ވަނުން މަދުކުރުމަށް 248 ގޭބިސީއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

އަދި ނަރުދަމާ މައްސަލަ ޖެހުނު 12 ގެއަކަށް އެޓެންޑުވެފައިވާ ކަމަށްވެސް މައުލޫމާތު ދިނެވެ.

މިއަދު 10:30 އާ ހަމައަށް އެހީއަށް އެދި 256 ކޯލު ލިބުނު ކަމަށާއި ފެންބޮޑުވެގެން ހާލުގައި ޖެހުނު ފަސް އާއިލާއެއްގެ 23 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ދިމާވާ ކަންކަން ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވަޒީރުން ހިމެނިވަޑައިގަންނަވާ ޓާސްކް ފޯހެއް އުފައްދަވައިފައެވެ.

އެމަނިކުފާނު އިއްޔެ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ފަށާ މަޝްރޫއު ނިމުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.