ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ‏އިން ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން އިއުލާނެއްގައިވަނީ، ހޮޓެލްތައް ގާއިމުކުރާނީ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލްގައި ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށެވެ.

ނަމަވެސް، އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި)ތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭނެ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

އެ ހޮޓެލްތައް ތަރައްގީކުރަން އީއޯއައި ހުށަހަޅަން މުހުލަތު ދީފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ.

 

އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، 1516 ނަމްބަރަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް  އެޗްޑީސީން ބުންޏެވެ.