އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ލ.ކައްދޫއަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވުނީ ކައްދޫއަށެވެ.

ކައްދޫއަށް 34.8 މިލިމީޓަރުގެ ވާރޭވެހުނުއިރު ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ބ. ދަރަވަންދޫއަށެވެ.

އެ ރަށަށް 25.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އދ. މާމިގިއްޔަށާއި ފ. ނިލަންދޫއަށެވެ. އެ ދެ ރަށަށް 25 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދެކުނާއި މެދު ރާއްޖެ ތެރެއަށް ހުދު ސަމާލު ނެރިފައިވެއެވެ.