ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އައިސް ޕްލާންޓް ގާއިމްކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހދ. ދިއްދޫއާއި، އއ. ރަސްދޫއާއި، ގދ. ރަތަފަންދޫއާއި، ހއ. އިހަވަންދޫއާއި، ށ. ކޮމަންޑޫއެވެ.

މި އިން ކޮންމެ ރަށެއްގައި ގާއިމް ކުރުމަށް ނިންމާފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މި ރަށްތަކުގައި އައިސް ޕްލާންޓް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓްގެ އެހީގައެވެ.

މި އައިސް ޕްލާންޓް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުން ކަމަށާއި މިމަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ އަތުން އަނބުރާ ނުލިބޭ ގޮތަށް ރަޖިސްޓްރޭޝަން ފީއެއް ނަގާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.