ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާއެކު މިދިޔަ ހޯމަ ދުވަހު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
މި ރެއިޑުގައި މ. ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯތަކުން ފެންނަނީ ނުތާހިރު ތަނެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ މަންޒަރެވެ.
އެ އިދާރާއިން އާއްމު ކުރި އެއް ތަސްވީރުގައި، ވިއްކަން ހަދާފައި ހުރި ގުޅަތަކެއް މަތީގައި މުންޑެއް އަޅައިފައިވާތަން ފެނެއެވެ.

މިތަނުގައި ތައްޔާރު ކުރަމުން ދިޔައީ ތެލުލި ފަތާއި، ގުޅައާއި ކާޖާ ފަދަ ތަކެއްޗެވެ.
އެ ތަކެތި ފިހާރަތަކަށްލައި، ވިއްކަމުން ދިޔައީ ”މޯލްޑިވްސް ސުޕަރ ކޮލިޓީ“ ލޭބަލްގައެވެ.
މީގެ ކުރިން މި ލޭބަލްގައި ވިއްކި ތެލުލި ފަތް ޕެކެޓަކުން ކުރަތްޕެއް ފެނި، އެ ވާހަކަ މީހަކު މީސްމީޑިއާގައި ވެސް ހިއްސާ ކުރިއެވެ. އެއީ 2023 ވަނަ އަހަރުގައެވެ.

އިމިގްރޭޝަނުން މިދިޔަ ހޯމަ ދުވަހު ވަނީ ގ.މޫން ލައިޓް ކިޔާ ގެއެއް ވެސް ބަލައި ފާސްކޮށްފައެވެ.
އެ އިދާރާއިން ބުނީ އެގޭގެ 1 ވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ހިދުމަތް ދެމުންދިޔަ ކަމަށެވެ.
އަދި އެތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.
”މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި.“ އެ އިދާރާއިން ބުންޏެެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ބިދޭސީންގެ މައްސަލަ، މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްލު ކުރުމަކީ ސަރުކާރުގެ އަމާޒެވެ.

