ދިވެހިރާއްޖޭގެ ދީނީ އިލްމްވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޖަމުއިއްޔަތު ތުފޫދުލް ޙަރަމްގެ ރައީސް ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަންތައްތަކާ ހާސިލު ކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށާއި މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަސްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއް ކަމަށެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރޭ ފެށި އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވަޑައިގަންނަވައެވެ. އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުޟޫއުތަކަށް ބަހުޘް ކުރުމާއި ތަފާތު މައުޟޫއުތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ނިޔަލަށެވެ.

