މާލޭ ފިހާރައަކުން ބަނގުރަލާ، ވަގު ޑޮލަރާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނީ ދެ މީހުން ހައްޔަރުކުރީ މއ. ޓަޗްމާޓް ފިހާރައިގައި ބަނގުރާ ވިއްކާކަމަށް ޕޮލިސް ކޮމާންޑް ސެންޓަރުން ލިބުނު މައުލޫމާތަކާ ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފިހާރަ ބަލައި ފާސްކުރިކުރުމުގެ ތެރެއިން ކަމަށެވެ.
އެ މީހުން އަތުން ފެނުނީ ކިހާ އަދަދެއްގެ ޑޮލަރެއްކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ފިހާރައިގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރާ ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނީ ހައްޔަރުކުރި ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށެވެ.
އެ މީހުން ވަނީ ކުށަށް އިއުތިރާފު ވެސް ވެފައެވެ. އަދި ބުނީ އެކަން ކުރަނީ ފިހާރައިގެ ވެރި މީހާއަށް ވެސް ނޭނގި ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
