ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އަދި މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ހާލަތާގުޅޭ މައުލޫމާތެއް ހޯދުމަށް އެކުންފުނިން ފޯނުން ނުގުޅާނެކަމަށެވެ.
އަދި އެފަދަ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ އަމިއްލަ އެއްވެސް މަޢުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށްވެސް ފަހުމީ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށްވެސް ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން ވަނީ އެދިފައެވެ.

