ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ސިއްހީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ”ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024“ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އަނބިކަނބަލުން އައްޑޫސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

‎ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

‎އެކަމަނާ ވަނީ ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަން ފާހަގަކުރައްވައި ހިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެދިވަޑައިގެންފައެވެ.

އަދި އެކަމުގައި ގައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުސޫލުތަކާއި އާ ވަސީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން“ އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެއިތިރުން އެކަމަނާވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ.

މި ކޮންފަރެންސްގައި ”އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ“ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ.

‎މި ކޮންފަރެންސްގެ ކުރިން އެކަމަނާ ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަޢުރަޒު ބައްލަވައިލައްވާފައެވެ.

އަދި އެކަމަނާ ވަނީ މައުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކުން ލިބެންހުރި ސިއްހީ ދާއިރާގެ އެކިއެކި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

އަދި ކޮންފަރެންސަށްފަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް އެކަމަނާ ޒިޔާރަތްކުރެއްވިއެވެ.

‎މިއަހަރުގެ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން، މިއެވެ. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.