އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް، މި ގައުމުގައި ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދިރާސީ އާއަހަރު، މިއަދު ފެށުމާ ގުޅިގެން، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނާ، ޓީޗަރުންނާ، ބެލެނިވެރީންނާ، ދަރިވަރުންނަށްވެސް ކާމިޔާބީ އަށް އެދިވަޑައިގެންފައި ވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުންރީތި، ދަރީންތަކެއް، ދިވެހި ތައުލީމީ ހިޔާވަހިތަކުގައި، ބޮޑެތި ކުރުމުގެ ހެޔޮ ތައުފީގު ދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވި މެސެޖުގައި، ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދަރިވަރުންނާއި، ބެލެނިވެރިންނާ، އެދުރުންނާ، ހިންގުންތެރިންނާ، އެހީތެރިންނަށް އަރިސްކުރައްވާފައި ވެއެވެ.
އަދި، ކޮންމެ ކިޔަވާ ކުއްޖަކަށްވެސް މި ދިރާސީ އައު އަހަރަކީ، ފާގަތި، ބާއްޖަވެރި އަހަރަކަށް ވުމަށް އެދިވަޑައިގެންފައި ވެއެވެ.

