ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް އާއި ރައީސް ޝްޓައިންމަޔަރ ވަނީ ރަސްމީ ވާހަކަފުޅުތައް އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގްވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.

މިދަތުރުފުޅުގައި ކުރިއަށްގެންދެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އަރުވާފައިވެއެވެ.

މި ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ބައްލަވާލައްވައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާ މި ދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އެ ގައުމުގެ ކުންފުނިތަކަށް ގޮވާލައްވާފައެވެ.

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއްކުރައްވާފައެވެ.

އަދި، އެމަނިކުފާނު ވަނީ، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ)ގައި ވެސް ތަގުރީރު ކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެޤައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތު ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިވެއެވެ.