އީމާންވެ ތިބެ، ދަރުމައަށް އެދޭ ހާލު ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއު އަކީ ”ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ“އެވެ.

ސާލިހު ސަލަފުން އެ މަހަށް އިސްތިޤްބާލު ކުރެއްވި ކަމަށާއި، އެބޭކަލުންގެ ހަޔާތުގައި ރަމަޟާން މަސް ތަކުރާރު ވުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކުރައްވައިފައެވެ.

”އެއީ އެ މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުންނެވެ. އަޅުކަމާއި ހެޔޮ އަމަލުތަކަށް ހުރި ފުރުސަތުގެ ގިނަ ކަމުންނެވެ. ރޯދައަށް ފުރިހަމައަށް އިސްތިގުބާލު ކުރެވޭނީ ރޯދަ އަކީ ކޮބައިކަމާއި، ރޯދައާއި ބެހޭ އާއްމު ޙުކުމްތައް އެނގިގެންނެވެ.“ ޚުތުބާގައި ވިދާޅުވިއެވެ.

ރޯދަވެރިޔާ އޭނާގެ ދުލާއި އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން ރައްކާތެރި ކުރަންޖެހޭނެކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ، ދޮގު ހެދުމާއި އުރެދުމުގެ އަމަލުތަކަށް އަރައިގަންނަ މީހާ ނުކައި ނުބޮއެ ހުއްޓަސް، އެތައް ސަވާބަކުން މަހުރޫމް ވެގެންދާނެ ކަމަށެވެ.

އަދި އޭނާ ކުރާ ރޭ އަޅުކަން ވެސް ހަމަ އެފަދަ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ”ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެން ކަމެއް ނުލިބޭ ކިތައް ކިތައް ރޯދަވެރިން ވޭ ހެއްޔެވެ؟ އަދި ރޭ އަޅުކަން ކުރުމުން ނިދި ނަގައިލުމާއި ހޭލައި ހުރުން ފިޔަވައި އެހެން ކަމެއް ނުލިބޭ ކިތައް ކިތައް މީހުން ވޭހެއްޔެވެ؟“ މާތް ނަބިއްޔާ (ސ.އ.ވ)ގެ ހަދީޘް ބަސްފުޅެއް ޚުތުބާގައި ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ރޯދަ މަހަކީ އީމާންކަމާއި ތަގުވާވެރިކަމުގެ މަސް ކަމަށާއި، އެއީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަން ވެސް ދަސްކޮށްދޭ މަހެއްކަން މިއަދުގެ ޚުތުބާގައި ވަނީ ހަނދުމަކޮށްދެއްވައިފައެވެ. އަދި އެއީ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. ”އެއްވެސް ދެއްކުންތެރިކަމެއް ނެތި، އިހްލާސްތެރިވެ ހުރެ ހިފާ ރޯދައަކީ ހުރިހާ މާނައެއްގައި ތަގުވާވެރިކަމާއި އިހުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެއް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. އެހެން އަޅުކަންތަކާއި ބަލާއިރު، ރޯދައިގެ ޘަވާބު ބޮޑުވަނީ އެހެންވެ ކަމުގައި ވެސް ޚުތުބާގައި ފާހަގަކުރައްވައިފައިވެއެވެ.

ޝަރުއީ އެއްވެސް އުޒުރެއް ނެތި ރޯދައެއް ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި، އެފަދަ މީހަކަށް އޮތީ، އެކަމުން ތައުބާ ވުމާއެކު އެ ރޯދަ ގަޟާ ކުރުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ޚުތުބާގައި ބުނީ، ރޯދަ މަހުގެ ދުވާލު އަނބިމީހާއާއި އެކުގައި އެއްދާން ކޮށްފިނަމަ، އެކަމުގެ ކައްފާރާ ވެސް ދޭން ޖެހޭނެ ކަމަށެވެ. އެފަދަ މީހަކަށް އޮތީ، ދޫކޮށްލި ކޮންމެ ރޯދައަކަށް ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމެވެ.