ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޕާޓީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ބީއެންޕީއިން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރު ތާރިގު ރަޙްމާނަށް، މަރުހަބާ ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

