އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައި ބާއްވާ  ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުލާ ތަން ބަދަލުވެފައިވާ ފަރާތްތަކަށް ރީ ރެޖިސްޓްރީއަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. ފާއިތުވި އިންތިހާބުގައި ވޯޓްލާ ތަން ނޫން އެހެންތަނެއްގައި ހުރި މީހެއް ނަމަ ވޯޓުލާން ތަން ބަދަލުކުރަން ރީ ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ނޫނީ އެމީހަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެއެވެ.

ވޯޓުލުމުގެ ހައްގު ގެއްލިގެން ދިއުމަކީ އެއްވެސް މީހަކު ބޭނުން ނުވާނެއެވެ. ގައުމުގެ ތަރައްގީއާއި، މުސްތަގުބަލަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާ އޮންނަން ބޭނުންވާއެވެ. ވޯޓުލުމުގެ ހައްގު އަދާކޮށްގެން އޭގައި އެމީހެއްގެ ހިއްސާ އޮންނާނެއެވެ.

ފާއިތުވި އަހަރު ތަކުގައި  ލޯކަލް ކައުންސިލު އިންތިހާބު ތަކުގައި ވޯޓްލުމަށް މީހުން ނިކުމެފައިވަނީ ވޯޓުލާ މީހުންގެ ނިސްބަތުން މަދު ބައެކެވެ.

ނަމަވެސް އެކަން ތަކުރާރު ވިޔަ ނުދިނުމަށް ހުރިހާ ރައްޔިތުންވެސް އެމީހެއްގެ ވޯޓު ލުމުގެ ހައްގު އަދާކުރަން ޖެހެއެވެ. ރަށްތަކުގެ ތަރައްގީގައި އެމީހަކު ހިއްސާވުމަށް ރަށަށް ފައިދާހުރި ، އެކަމަށް އެކަށޭނެ ޒިންމާދާރު ކެންޑިޑޭޓުން އިންތިހާބުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސަރުކާރުން ރަށްތަކުގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމާފައެވެ. އެ މަޝްރޫއުތަކުގައި ހަގީގީ ކުލަ ޖެހޭނީ ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓުން ހޮވައިގެންނެވެ. ސަރުކާރުން ބުނާގޮތުގައި، މިކަން ކުރުމަށް ވޯޓުލާން ނިކުންނަން ޖެހެއެވެ.

ވީމާ ކޮންމެ މީހަކުވެސް ރީ ރަޖިސްޓްރީ ކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރީ ރަޖިސްޓްރީ ކުރަންވާނެއެވެ. ރަށާއި، ގައުމުގެ މުސްތަގުބަލަށްޓަކައި ވޯޓުލުމުގެ ހައްގު ޒިންމާދާރުކަމާއިކު އަދާ ކުރަންވާނެއެވެ.