އެންމެހައި ފަރާތްތަކުގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމައުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް، ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށް ވިދާޅުވެ، އިޖުތިމާއީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމައުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމައުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ އަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުއަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ޝާމިލުކަމާއެކު ކުރިއެރުން ގެނައުމަށް ބާރުއެޅުމަށާއި، ނާޒުކު ޖަމާއަތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް، އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އަދި ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއްކަމަށާއި، މި ބައިވެރިވުމާއެކު، ގައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ހިދުމަތްތަކަށް ވާސިލުވުމަށްހުރި ފުރުސަތުތައް އިތުރުކުރުމަށް، ހާއްސަ ގޮތެއްގައި ހާއްސަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކުރުމަށްޓަކައި، މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތްތަކަށްވެސް އިޝާރާތްކުރައްވާފައެވެ.

އަދި މި މަސައްކަތްތަކުގެ ސަބަބުން، އުނގެނުމުގައި ދެމިތިބުމުގެ ފުރުސަތު އިތުރުކޮށް، މުޖުތަމައު ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށް، އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ އަލީގައި، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ފުޅާކޮށް، ސިއްހީ ހިދުމަތްތައް ތަރައްގީކޮށް، ހަމަހަމަ އިގްތިސާދީ ފުރުސަތުތައް ހޯދައިދީގެން އަބުރުވެރިކަމާއެކު މަސައްކަތްކުރުމަށް އެއްބާރުލުންދިނުމަށް ދޭ އަހުމިއްޔަތުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި، މުގައްރަރު މުއްސަނދިކޮށް، ލުއިފަސޭހަ ކަމާއެކު ތައުލީމު އުގެނުމުގެ އިހުތިޔާރާއެކު، ތައުލީމު އުގުނެމުގެ ފުރުސަތު އިތުރަށް ފުޅާކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތަފާތުތައް އެބަހުރިކަމާއި، ކުރިމަގުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ، އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ހަގީގަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް، ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.

ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އިޖުތިމާޢީ އަދާލަތު ޤާއިމުވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ފުރުސަތުތަކާއި، ކަރާމާތާއި، ރައްކާތެރިކަން ފޯރުކޮށްދެއްވުންކަމަށް ވިދާޅުވެފައެވެ.

އަދި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަގުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެމަނިކުފާނު އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހަކީ، އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލައި، ފަގީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.