މި އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު 26,454 މީހުން ރީ- ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ރިސޯޓުތަކާއީ ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށާއި، އިންތިހާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށެވެ.

އަދި ސިނާއީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިނުވާ ކަމަށް އީސީން ބުންޏެވެ.

ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމައެވެ.

ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން މި މުއްދަތުގައި، ރީ-ރަޖިސްޓަރީވެފައިވަނީ، ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުންނެވެ.

އެގޮތުން، މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު، ސްރީލަންކާއިން 189 މީހުން ރީ-ރަޖިސްޓަރިކޮށްފައިވެއެވެ.

ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ އަދަދަށް ވުރެ މަދުން ރަޖިސްޓަރީކޮށްފައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މި މަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އީސީން ބުނިގޮތުގައި، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި ވޯޓުފޮށި ނުބަހައްޓޭނެކަމަށް އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.