މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުންދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަންނަ އެޕްރީލް މަހުގެ 30އާ ހަމައަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލްގެ 12:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަ އެ ތާރީހުގެ އެ ސުންގަޑި އަށް އިތުރުކޮށްފައިވެއެވެ.

ކުރިން ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް އޮތީ، އަންނަ މަހުގެ 4 އާ ހަމައަށެށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭ ގޮތަށް އޮތީ އެޕްރީލް މަހުގެ 17 އާ ހަމައަށެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ގޯއްޗަށް އެދި 1،630 އަށް ވުރެ ގިނަ އެޕްލިކޭޝަަން ހުށަހަޅާފައިވާއިރު، ފްލެޓަށް އެދި 3،430 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗާއި ފްލެޓަށް ހުޅުވާލީ މިދިޔަ މަހުގެ 18 ގައެވެ.