މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިހެއިކަމަށް ބުނާ ލާމަރުކަޒީ ނިޒާމަކީ ވިހައިފައި މަގުމައްޗަށް ދޫކޮށްލާފައިވާ ދަރިއެއް ކަމަށް ވިދާޅުވެ އެ ޕާޓީއަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ކުޅުދުއްފުށި ސިޓީގެ މާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހެއި ދަރިއެއް ކަމަށް އެ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން އެހެން ބުނަމުން ގެންދާއިރު، ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެއްޓެވީ ވެސް އެމްޑީޕީންނެއް ނޫން ކަމަށެވެ.

”އެ ބޭފުޅުން އެހެން ވިދާޅުވާ ކަމަށް ވަންޏާމުން އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ، ވިހައިފިކަމަށް ވަންޏާ، ވިހައިފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެކޭ މިއީ އެބޭފުޅުން. މި ނިޒާމަށް އެއްވެސް ވަރަކަށް އަޅާލުމެއް، މި ނިޒާމަށް ކުރިއެރުމެއް ގެނައުމަށްޓަކައި އެއްވެސް ކަހަލަ މަސައްކަތްތަކެއް ކުރެވިފައި އޮތް ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެތައް ސަތޭކަ ރަށެއްގައި ލާމަރުކަޒީ ނިޒާމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކައުންސިލްތަކުން ކަމަށެވެ.

ނަމަވެސް އެ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގައި ޖާގަ ނެތް އިރު، އެ ޖާގަ ތަނަވަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައި އޮތް ނަމަ، އެތައް ސަތޭކަ ރަށަށް ބޭނުންވާ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަން މި ސަރުކާރަށް ނުޖެހުނިސް ކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ފުލުހުންގެ ހިދުމަތަކީވެސް ރަށްތަކަށާއި ރައްޔިތުންނަށް ބޭނުންވާ ވަރަށް އަސާސީ ހިދުމަތެއް ނަމަވެސް، އެކަމަށްވެސް އަޅާނުލައި އޮތުމުން މި ސަރުކާރުން ދަނީ ރަށްރަށުގައި ފުލުހުންގެ އޮފީސް އިމާރާތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ. އަދި އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމަށް އެހާ ވިސްނާ ބައެއް ނަމަ، މި މަސައްކަތްވެސް އޮތީސް ނިމިފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން ބާރުވެރިކޮށް، އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ވެސް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ވެސް މުހިންމު އިސްލާހުތަކެއް ގެނެސްފައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބާރުވެރިކުރުވުމަށް ވެސް މި ސަރުކާރުން ވަރަށް ގިނަ ނިންމުންތައް ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށްވެސް ރައްޔިތުން ވިސްނުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވި ފަދައިން ”ދޫންޏަށް“ ވޯޓު ދެއްވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.