އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލައިގައި ހޯދާ މީހާއާ، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީން އެގޮތަށް ބުނީ ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ފުލުހަށް ހާޒިރުވާން އަންގައި މިދިޔަ ހަފުތާގައި އިއުލާންކުރި ހ. ފިލިކުރިގޭ އަހުމަދު އާމިރު، 51، ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދައްކަމުންދާތީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ ޕާޓީން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ މީހާ، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކިޔަސް އެ މީހާ އަކީ ޕީއެންސީއާ ރަސްމީ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.
އަދި އިސްލާމް ދީނަށް ފުރައްސާ ރަކުރުން ފަދަ އަމަލުތައް ޕީއެންސީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީން ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން އާމިރު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އިއުލާންކުރީ މިދިޔަ މަހުގެ 24 ގައެވެ.

