ލޯކަލް ކައުންސިލްތަކުގެ އިދިކީލިކަމާހެދީ ތަރައްގީގެ މަޝްރޫއުތައް ލަސްވާނެ ފަދަ ކެންޑިޑޭޓުން އިންތިހާބު ނުކުރެއްވުމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި ދެކުނުގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ވެސް ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ ފަރާތުން އަދި އެހެނިހެން ގޮތަކުން ވެސް އެއްވެސް ގޮތަކަށް ލަސްވުމެއް އައުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ސަރުކާރަށް އެއްބާރުލުންދޭނެ، ސަރުކާރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބު ކުރުން މުހިންމު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ޕާޓީން ލާމަރުކަޒީ ނިޒާމު ތަސައްވަރު ކޮށްދީފައި އޮތް ގޮތް ވަރަށް ގޯސް ކަމަށެވެ. އެގޮތުން މިހާރުވެސް އެ ޕާޓީން ދައްކަމުން އަންނަ ވާހަކައަކީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަހަލަ ވާހަކަތަކެއް ކަމަށާއި، އެއީ ވަރަށް ގޯސް ތަސައްވުރެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

”ލާމަރުކަޒީ މުޅި ނިޒާމަކީ، އެއީ ސަރުކާރުތަކުން ރައްޔިތުންނާ ހިސާބަތަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް، އެއީ ޕްރޮޖެކްޓުތައް ކަމުގައިވީނަމަވެސް އެ ޕްރޮޖެކްޓުތައްވެސް ވީހާވެސް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ބޮޑީއެއް، ހަގީގަތުގައި ކައުންސިލްތަކަކީ.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ވުޒާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ވެސް ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެގޮތުން ރަށެއްގައި އައިސްޕްލާންޓެއް ނުވަތަ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގައި ވެސް ސިޔާސީ ގޮތުން ނުތަނަސްކަން ހުރި ކައުންސިލްތަކުން ބައެއް ކަހަލަ ދަތިކަން ކުރިމަތިކުރުވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބައެއް ކައުންސިލަރުންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ ބަދަލުގައި، އެ ބަޔަކު ގަބޫލުކުރާ ޕާޓީގެ ވިސްނުމުގައި މަސައްކަތް ކުރާ ބައެއް ކަމުން އޭގެ އަސަރު ރައްޔިތުންނަށް ކުރުވާ ކަމަށެވެ. އެހެންކަމުން ސަރުކާރަށް ބޭނުންވަނީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންތަކެއް އިންތިހާބުކުރެވިގެން ދާން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ނުލިބިގެން މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ދަތިވެފައިވާ ރަށްތަކާއި ތަފްސީލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ރައްޔިތުންނަށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ތަރައްގީއަށްޓަކައި ވަރަށް ގިނަ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.