ދިވެހިރާއްޖޭގެ މަލްޓިޕާޓީ ނިޒާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުން އަންނަ ފަދައިން އެހެން ރައީސަކު މަސައްކަތް ކުރައްވާފައި ނުވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި ދެކުނުގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގައި ކައުންސިލް އިދާރާތައް އުފެދިގެން ހިދުމަތް ދޭން ފެށިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވެގެންދިޔައިރު، މާލެ ސިޓީގެ މޭޔަރުކަންވެސް އެކި ފަހަރު އެކި ބޭފުޅުން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ ބޭފުޅުން ގަބޫލުކުރާ ހަގީގަތަކަކީ، ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު މަސައްކަތް ކުރެއްވީ ރައްޔިތުންނާ ވަރަށް ގާތުންކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އޭރު ރައީސް ހުންނެވީ ޕީޕީއެމްގައި ކަމަށާއި، އޭރު އޮތް އިދިކޮޅު އެމްޑީޕީ ސަރުކާރުން ކުރިމަތިކުރުވަމުން ދިޔަ ދަތިތަކާއެކުވެސް ވަރަށް ގިނަ މަޝްރޫއުތައް ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެ ތަޖުރިބާތަކުގައި އަލީގައި މާލެ ސިޓީއަށް ބޭނުންވާ މެންބަރުން އިންތިހާބުކުރުމަށް ރައީސް އަމިއްލަފުޅަށް ރަމަޟާން މަހުވެސް ދޮރުން ދޮރަށް ހަރާތްތަކުގައި ބައިވެރިވެވަޑައިގެން މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ވަރަށް އުފާކުރަން، ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ މީހެއްގެ ހައިސިއްޔަތުން ވެސް. ހަމަމިއާއެކީގައި މަލްޓިޕާޓީ ނިޒާމުގައި އަޅުގަނޑުމެން ދުށް މަންޒަރެއް ނޫން މީކީ ރައީސުލްޖުމްހޫރިއްޔާ މޭޔަރު ހޮވުމަށްޓަކައި މިހާ ބޮޑަށް ގްރައުންޑަށް ފައިބާ ވަޑައިގަންނަވައިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުން. މި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމެއް، ވަރަށް އުފާކުރާ ކަމެއް.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަމުންވެސް ދައްކުވައިދެނީ ރައީސަކީ ވަރަށް ބޮޑަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި އެ ހިތްވަރާއި އަޒުމްވެސް އެމަނިކުފާނުގެ ހުންނެވިކަން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ހިންގަން ރާވާފައި ހުރި މަޝްރޫއުތައް ހިންގުމަށްޓަކައި އެއް ފިކުރެއްގެ ބަޔަކާއެކު މަސައްކަތް ކުރުމުން ފަސޭހަވާނެ ކަމަށެވެ.

އެގޮތުން ޕީއެންސީގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާއި، މި މަސައްކަތްތައް އެހެން ފިކުރެއްގެ ބަޔަކު ވަދެއްޖެނަމަ އަބަދުވެސް މަސައްކަތް ކުރާނީ ބައިބައިވުން އުފެއްދުމަށާއި އެކަމެއް ނުވާނެ ގޮތެއް ހެދުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރައީސް ޑރ. މުހައްމަދުގެ ތަސައްވުރާ އެއްގޮތަށް ތަރައްގީގެ ދުވެލި ކުރިއަށްގެންދިއުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.