ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނާއި ގުޅިގެން ޝަކުވާއެއް ވާނަމަ ހުށަހަޅަން އިލެކްޝަން ކޮމިޝަނުން އެދިއްޖެއެވެ.

އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު، އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާފައެވެ.

އެގޮތުން ޝަކުވާ ހުށަހެޅޭނީ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން، މާދަމާ މެންދުރުފަހު 1:30 ގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައެވެ.

މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅަންވާނީ އެ ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށްކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

އަދި އަމިއްލައަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ޗެކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައިވާއިރު، އެގޮތުން VR (Space) NID Number ޖެއްސެވުމަށްފަހު 1414 އަށް އެސް.އެމް.އެސް އެއް ފޮނުވައިގެނާއި އެކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.