ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ރައްޔިތުން ގާތަށް ގޮސް، ފޮޓޯ ނަގާވަރު އިތުރުވަމުން އަންނަ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ގަލޮޅު އުތުރު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު، އިންތިހާބެއް ބޯމަތިވެފައި ނެތް ނަމަވެސް ތާވަލުކޮށްގެން ރައްޔިތުން ގާތަށް ޒިޔާރަތްކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހާލު ބައްލަވަމުން ގެންދެވި ކަމަށެވެ.

އެއާ ހިލާފަށް މޭޔަރު އާޒިމް ރައްޔިތުންނާ އެކު ނަގާ ފޮޓޯތައް މިދުވަސްވަރު އިތުރުވަމުންދާ ނަމަވެސް، ސިޔާސީ ކަންކަން ކުރައްވަން އެނގިވަޑައިނުގަންނަވީ އެބޭފުޅޭ ހުންނެވި ފިކުރުގެ ގޮތުން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

2023 ވަނަ ރިޔާސީ އިންތިހާބު ރައްޔިތުންނާ ބޯމަތިވެގެން އައި އިރު ދިވެހިރާއްޖެ ދަތުރުކުރަމުންދިޔައީ ވަރަށް ނާމާން އަދި ބިރުވެރި މިސްރާބަކަށް ކަމަށާއި، އެކަން ސާފުނުވާނެ އެއްވެސް ރައްޔިތަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.

އެމްޑީޕީއަށް 2018 ގައި ވެރިކަން ލިބުމާއެކު، ފަސް އަހަރުގެ ތެރޭގައި އެމްޑިޕީގެ ނާގާބިލު ސަރުކާރުގެ ސިޔާސަތުތަކާއި ހެދީ ރާއްޖެ އޭރު މިސްރާބު ޖަހާފައި އޮތީ އިގްތިސާދީ އަޅުވެތިކަމަކާ ދިމާލަށް ކަމަށް މަމްދޫހް ވިދާޅުވިއެވެ. އަދި ރާއްޖެ އޭރު ދިޔަ ގޯސް މިސްރާބުން ސަލާމަތްކުރުމަށް ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމަކީ ސަލާމަތުގެ އައްސޭރިއަށް ރާއްޖެއަށް މިއަދު ދެވުނު މައިގަނޑު ސަބަބު ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހް ވިދާޅުވީ ރައީސް މުއިއްޒު ތަފާތު ބޮޑުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ މައިގަނޑު ސަބަބުތައް މިއަދު ހާސިލްވަމުންދާކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގެ ސަބަބުން އަމާން ބަނދަރަކާ ދިމާލަށް މިއަދު މިސްރާބު ޖެހިފައިވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ. އެގޮތުން މިހާރު ވާސިލްވެވިފައި އޮތީ އެޕްރީލް ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރުމާއި ހަމައިގައި ކަމަށް މަމްދޫހް ވިދާޅުވިއެވެ.

މަމްދޫހް ވިދާޅުވީ މި އިންތިހާބުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުމަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނައުމަށް ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. އެގޮތުން ޒަމާންތަކެއް ވަންދެން މާލެއަށް ދިމާވަމުން އައި ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރެވިގެން ދިޔައީ އަދުގެ ރައީސް، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު ކަމަށް މަމްދޫހް ވިދާޅުވިއެވެ.

މޭޔަރު ކަމުގައި ރައީސް ހުންނެވި އިރު ކުރެއްވި އިންގިލާބީ މަސައްކަތްތަކަށް ހުއްޓުމެއް އައީ އެމްޑީޕީގެ މޭޔަރެއް މާލެ ސިޓީ ކައުންސިލަށް އައުމުން ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް އައި އިރުވެސް، މި ސަރުކާރުން މާލެއަށް ގެންނަން ބޭނުންވި އެތައް ތަރައްގީއެއް އެމްޑީޕީގެ މޭޔަރު ހުއްޓުވާފައިވާކަމަށް މަމްދޫހު ވިދާޅުވިއެވެ.

”ގަސްދުގައި، ސަރުކާރަށް ކަންތައްތައް ނުވާކަން ދެއްކުމަށް ރައްޔިތުންގެ މެދުގައި ސަރުކާރަކަށް ނަފްރަތު އުފެއްދުމަށް އެމްޑީޕީގެ މޭޔަރެއް މިއަދު ހުރީތީ މަސައްކަތް ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ.“ މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ މި ހަގީގަށް ބަދަލުކުރުމަށް ލިބެނީ އެޕްރީލް ހަތަރުވަނަ ދުވަހު ނަގާ ވޯޓުން ކަމަށެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު، މޫސާ އަލީ ޖަލީލް އިންތިހާބު ކުރުމުން، ރައީސްގެ ތަސައްވުރާ އެއްގޮތަށް މާލެއަށް ތަރައްގީ ގެނެވޭނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.