ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، ސާރުކާރަށް ފާޑުކިޔުމަށް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގެންގުޅޭ ހަމަތަކާއި އުސޫލުތައް ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ، ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނީ ޒިންމާދާރު ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ބޮޑެތި ނިންމެވުންތަކާއި ގާނޫނަށް ގެންނަވާ ބަދަލުތަކާއި ގުޅިގެން އެމްޑީޕީން ސަރުކާރަށް ކުރަނީ ސީދާ ޖެއްސުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ދުވަސްވަރު ޕީއެންސީން ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ދައްކަމުން އަންނަ ވާހަކައަކީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރަންޖެހޭ ވާހަކަތައްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އޭގެ ސަބަބުތައް ކިތަންމެހާވެސް ގިނަ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުންވެސް، ސަރުކާރަށް ޖެއްސުން ކުރުމަށް އެބޭފުޅުން ކުރީ އަދި ކުރާނީ ކޮން އުނދަގުލެއް ކަމަށް ޕޯޑިއަމްތަކުގައި ސުވާލުކުރަމުން އަންނައިރު، މިއަދު އެތަނުގައި އެބޭފުޅުން ވާހަކަ ދައްކަނީ ސަރުކާރަށް އެއްބާރުލުންދީގެން ކަމާމެދު ނައިބު ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.
މިކަމުން ވެސް ދޭހަވަނީ އެބޭފުޅުން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާއި ސީދާ އިދިކޮޅަށް ކަމަށާއި، މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައިވަނީ އެހެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުންވެސް އެމްޑީޕީގެ ވެރިކަމުގައި ތަފާތު އެކި ރާގު ރާގަށް އެބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން މިއަދު އެކަމާ އިދިކޮޅުން ދެކޮޅު ހަދަމުން އަންނަ އިރު، އެފަދަ ބަޔަކު މާދަމާވެސް އިންތިހާބު ވެއްޖެނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ކަމާމެދު ވިސްނުމަށް ނައިބު ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނައިބު ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ގޮތުން އެމްޑީޕީން ދެކޮޅު ހަދާ ސަބަބެއް އެބޭފުޅުންނަށް ރައްޔިތުންނަށް އޮޅުއްފިލުއްވައި ނުދެއްވޭ ކަމަށެވެ. އޭގެ ބަދަލުގައި ގައުމު ހަލަބޮލިކުރުމަށާއި ހަމަނުޖެހުން އިތުރު ކުރުމަށް ރައްޔިތުންގެ ބޮލަށް އެރިގެން އެމްޑީޕީން ރާވަނީ މުޒާހަރާތައް ކުރަން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި ކުރައްވަން ބޭނުންފުޅުވާ ކަންތައްތައް ފޮތެއްގައި ލިޔުއްވައިގެން ވެސް ނެރުއްވާފައިވާ ކަމަށާއި އެކަންކަން ހާސިލްކުރުމަށް އެމަނިކުފާނު ހިތްވަރާއެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އެގޮތުން ތަރައްގީ ލިބޭނީ ތަރައްގީގެ ފިކުރާއި އެއްގޮތް ކެންޑިޑޭޓުން ވެސް ތިބެގެންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތް ވާން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ޅަ ދަރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި މާދަމާ އުފާވެރި ޖީލެއް މިގައުމުގައި ދިރިއުޅޭނެ ދުވަސްތައް ފަހިކޮށްދިނުމަށްޓަކައި އެމަނިކުފާނު އެ ކުރައްވާ މަސައްކަތްޕުޅުތަކުގައި ފުރިހަމައަށް ރަށްރަށުގައި އެއްބާރުލުން ދޭން ތިއްބެވީވެސް ހަމަ މި ތިއްބެވި ކެންޑިޑޭޓުން.“ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ނިންމާ މަސައްކަތްތައް ފަސޭހައިން ހާސިލްކުރުމަށްޓަކައި ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން ކަމަށެވެ.

