ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ”ގެދޮރުވެރިޔާ“ ފްލެޓުތައް ކުއްޔަށްދޭ ނަމަ، އެތަނުގެ ވެރިފަރާތް ބައި ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއެކު އެއްބަސްވުން ބާތިލު ކުރާނެ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ފަރާތެއްގެ ސޯޝަލް މީޑިއާ އެކައުންޓުން ފަހި ފުލެޓެއް ކުއްޔަށް ދޭން އިއުލާންކޮށްފައިވާ މައްސަލައަކާ ގުޅިގެން، އެފްޑީސީގެ އެމްޑީ ހަމްދާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅޭ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ތަހުގީގުކުރުމަށް އެފްޑީސީގެ ޓީމަށް އަންގަވާފައިވާނެ ކަމަށެވެ.

އެފްޑީސީން ދޫކުރާ ފުލެޓުތަކަކީ އެހެން ބަޔަކަށް ކުއްޔަށް ދިނުން މަނާ ތަންތަން ކަމަށާއި އެއީ ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ޝަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ޔުނިޓްތައް އުސޫލާ ހިލާފަށް ކުއްޔަށްދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް އެފްޑީސީން ވަރަށް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއެކު، އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ފޯރުކޮށްދޭ މިފަދަ އިޖުތިމާއީ ބޯހިޔާވަހިކަން، ނަފާ ހޯދާ ވިޔަފާރިއަކަށް ބަދަލުކުރުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަސާސީ މަގުސަދު ގެއްލި، ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގަށް އުނިކަން އަންނަ، އަދި އަހުލާގީ ގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަހި ފުލެޓުތައް ލިބުނު ފަރާތް ނޫން އެހެން ފަރާތަކުން ފުލެޓުތަކުގައި ދިރިއުޅުމަކީ މަނާ ކަމެކެވެ. އެއީ، ފުލެޓު އަތުލެވިދާނެ ހާލަތެއް ކަމަށް ފުލެޓު ދޫކުރާ އެއްބަސްވުމުގައި ހިމަނާފައި އޮވެއެވެ.