މިދިޔަ މަހުގެ 28 ވަނަ ދުވަހު، އިރާނާއި އެމެރިކާ-އިޒްރޭލުގެ ހަނގުރާމަ ފެށިގެން ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެންގުމާ އެއްގޮތަށް އަމާން ދޭން އިރާނުން ދެކޮޅު ކަމަށް ބުނެފިއެވެ.
ޓްރަމްޕް ވަނީ، އެއްވެސް ޝަރުތަކާއި ނުލައި އިރާނުން އަމާން ދޭން ޖެހޭ ކަމަށް ބުނެފައެވެ.
ނަމަވެސް އިރާނުން ދަނީ، އިޒްރޭލާއި ގަލްފުގެ ގައުމުތަކަށް ހުއްޓުމެއް ނެތި، ޑްރޯނުންނާއި މިސައިލުން ވެސް ހަމަލާ ދެމުންނެވެ. އަނެއްކޮޅުން އެމެރިކާއިން ވެސް އަންގަނީ، ދެ ހަފްތާ ވެފައިވާ ހަނގުރާމައިގައި ކުރިއަށް އޮތް ހަމަލާތައް ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ.
އިރާނުގެ ރައީސް ހާމަކުރާ މަސޫދް ޕެެޒެޝްކިއަން އަންގާ ގޮތުގައި، އެމެރިކާގެ ސިފައިން ގާއިމުވެ ތިބި، އަވަށްޓެރި ގައުމުތަކުން އިރާނަށް އަމާޒުކޮށް ހަމަލާތައް ނުދޭނަމަ، އިރާނުން ވެސް އެ ގައުމުތަކަށް ހަމަލާއެއް ނުދޭނެއެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހު ވެސް ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދިޔުމުގެ ގާބިލުކަން އިރާނުގެ އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި، މިހާރު ކުރަމުންދާ ހަނގުރާމަ ދިގު ދެމިގެން ހިނގައްޖެނަމަ، ގަލްފުގެ ގައުމުތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. އެގޮތުން ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތަކަށް ވެސް ހަނގުރާމައިގެ ސަބަބުން ވަނީ ބުރޫ އަރައިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ވިޔަފާރި ބޯޓުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

