ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ.

ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަޤީޤަތެއްކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

”2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވެއެވެ.

އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް މި ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ.“ އެ ޕޯސްޓްގައި ގާސިމް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މި ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ކުރަން ލަސްވެފައިވާ ކަމެއްކަމުގައެވެ.

އަދި މަޖިލީހުން ގެންނެވި މި އިސްލާހް ރައީސް ތަސްދީގު ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ ”ފެންނަ ނުފެންނަ“ ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް ”ފެންނަ“ ކަމަށް ވޯޓު ދެއްވުން ގާސިމް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ހުރިހާގޮތަކުންވެސް ފައިދާ ބޮޑީ ރައްޔިތުންނަށް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވުމާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ”ފެންނަ ނުފެންނަ“ ވޯޓެއް ނަގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުކުރުމަށް ވޯޓްލާދުވަސް ކަމަށްވާ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ.

ސަރުކާރުން ބުނަމުންދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ  ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ފައިދާހުރި ގޮތްކަމަށެވެ.