ލައިލަތުލް ޤަދްރިއަކީ ކަނޑައެޅިގެން ކޮން ރެއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ކޮންމެ ރެއަކަށްވެސް އެ ރޭ ވެދާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«تَحَرَّوْا لَيْلَةَ القَدْرِ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2020)]

މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ، مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2017)]

މާނައީ: “ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރާށެވެ.”

އެ ރޭ ވަންހަނާވެގެންވުމުގެ ޙިކުމަތްތަކީ ފަހުދިހައިގެ ހުރިހާ ރެއެއްގައި ދުޢާކުރުމާއި ޛިކުރުކުރުމާ އަދި އެނޫންވެސް އަޅުކަންތަކުގައި ވަގުތުހޭދަކޮށް އެރޭގެ ހެޔޮކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް މުސްލިމުންނަށް ހިތްވަރު ދިނުމެވެ. އެއީ ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތުވެސް ކަނޑައެޅިގެން ބަޔާންކުރައްވާފައި ނުވާ ފަދައިންނެވެ. އަދި ﷲ ތަޢާލާގެ ނުވަދިހަ ނުވަ އިސްމުފުޅުވެސް ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވާ ފަދައިންނެވެ.

ލައިލަތުލްޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ 1000 މައްސަރަށްވުރެ، އެ ރޭގެ ހެޔޮކަން ބޮޑުވެގެން ވުމެވެ.

މިރޭ ހާސިލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ރޯދަ މަހުގެ ދުވާލު ވެސް ފާފަތަކުން ދުރުވެ ހުރުން ވަރަށް މުހިންމެވެ. ދުވާލު މީހުންގެ ޣީބަ ބުނެ، ދޮގު ހަދައި، އަޅުކަންތަކަށް ފަރުވާ ކުޑަ ކުރުމަށްފަހު، ހަމައެކަނި ރޭގަނޑު އަޅުކަަމަށް ހުސްވުމަކީ އެދެވިގެންވާ ގޮތަކަށް ނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ރޭގަނޑު މީހުންނާ އެކުވެ، ސަކަރާތާއި މަޖަލުގައި ހޭދަ ކުރުމަކީ ވެސް ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް އޮތް ހުރަހެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ލައިލަތުލްޤަދްރި ހޯދަން އެދޭ މީހާ، ރައްޓެހިންނާ ބައްދަލުވެ، ވަގުތު ހޭދަ ކުރަން  އެދެވިގެންވަނީ ދުވާލުއެވެ. ރޭގަނޑު ހެޔޮކަން ބޮޑީ ވާހަކައިގައި ވަގުތުތައް ނަގާ ނުލައި، އަޅުކަމަށް ވަގުތު ހުސް ކުރުމެވެ.

މާގިނައިން މީހުންނާ މަސްހުނިވެ ވާހަކަ ދައްކާނަމަ، ޣީބަ ބުނުން ފަދަ ކަންކަމަށް މަގުފަހިވެގެންދެއެވެ. އެއީ މީހަކު ނެތްތަނެއްގައި، އެމީހަކާ ގުޅޭގޮތުން، އެ މީހަކު ނުރުހޭނެ ފަދަ އެއްވެސް ވާހަކައެއް ދެއްކުމެވެ. މިއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ހީވިޔަސް، ބޮޑުވެގެންވާ ނުބައި ފާފައެކެވެ. މިފަދަ އަމަލެއްގެ ސަބަބުން ވެސް ތިބާއަށް ލައިލަތުލްޤަދްރި ވިލޭރޭ ގެއްލިގެން ހިނގައިދާނެއެވެ. މި ސަބަބަށްޓަކައި، ތަރާވީހުގެ ނަމުގައި ވިޔަސް، މީހުންނާ ބައްދަލުކޮށް، ވަގުތުތައް ބޭކާރު ކުރުމަކީ ފަހު 10ގައި ކުރުން އެދެވިގެންވާ ކަމެއް ނޫނެވެ.

ރޯދަ ވީއްލަން އާއިލާއާއި ރައްޓެހިންނަށް ދައުވަތު ދިނުން ވެސް އެދެވިގެން ވަނީ، ރަމަޟާން މަހުގެ ފަހު 10ގެ ކުރިިންނެވެ. އެއީ އެ އެއްވުންތައް ވެސް ދިގުލައިގެން ގޮސް، ރޭގަނޑުގެ އަގުހުރި ވަގުިތުތައް ގެއްލިގެން ހިނގައިދާނެތީއެވެ.

ރަމަޟާން މަހުގެ ފަހު 10ގައި ފަތިސް ނަމާދާއި އިޝާ ނަމާދު ޖަމާއަތުގައި ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މިއީ މުޅި ރޭ އަޅުކަމުގައި ހޭދަ ކުރުމާއި އެއްފަދަ ކަމެއް ކަމުގައި އިލްމުވެރިން ފާހަގަކުރައްވައެވެ.

އަދި ގިނަގިނައިން ނަމާދުކޮށް، ސަޖިދަ ކުރުން އިތުރު ކުރުމާއި، ކީރިތި ޤުރުއާން ގިނަގިނައިން ކިޔުމާއި ސަދަޤާތް ދިނުން ގިނަ ކުރުމަށް މި ދުވަސްތަކުގައި ހާއްސަ ސަމާލުކަމެއް ދޭށެވެ. އެންމެ މޮޅު އިތުރު ވެގެންވަނީ ސިއްރުން ކުރާ ސަދަޤާތެވެ. އެއީ ހަމައެކަނި މާތްﷲ އާއި ތިބާއާ ދެމެދުގައިވާ ކަމަކަށް ހަދާށެވެ.

މީގެއިތުރުން ކަމެއްގައި މަޝްއޫލުވެ އުޅުނު ކަމުގައި ވިޔަސް، ފަހު10ގެ ރޭތަކުގައި މާތްﷲގެ ހަޟްރަތުން ކަންކަމަށް އެދުމާއި، ޒިކުރު ކުރުން ދޫކޮށްނުލުމަކީ ވެސް ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް ކުރެވިދާނެ ކަންކަމެވެ.