ރާއްޖޭގައި ބާއްވާ އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި، ހުރިހާ އިންތިހާބެއްވެސް އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި 25 އަހަރަށް ވުރެ ގިނަ މުއްދަތަކަށް މަސައްކަތް ކުރެއްވި މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ”ހޭލުން“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިހާބް ވިދާޅުވީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކުން ދިރާސާތައްވެސް ކޮށް، އޭގެ ފައިދާވެސް ކިޔައިދީފައި އެބަހުރި ކަމަށެވެ.

ރާއްޖެ ކަހަލަ ގައުމަކަށް މިކަމުގައި އެންމެ ރަނގަޅުވާނެ ކަމަށް ގަބޫލުފުޅުކުރެއްވެނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުވެސް އެއް ދުވަހެއްގައި ބޭއްވުމުން ކަމަށް ޝިހާބް ވިދާޅުވިއެވެ.

ނަމަވެސް ރައީސްގެ ގަރާރަކުން ފާސްކުރައްވައިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށްވާއިރު، ޝިހާބު ވަނީ އެ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނަ ދުވަހުއެވެ.