ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކޮންގްރެސް ޕާޓީން މ ކުރިއަށްގެންދިޔަ ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މާލޭގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މި ސައިކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ޕީއެންސީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެ، އިންތިހާބަށް ޕީއެންސީގެ ޓީމު އޮތީ ވަރަށް ވަރުގަދަކޮށް ކަން ހާމަކޮށްދީފައެވެ.

މި އިންތިހާބަހަށް އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރަމުން އަންނަ ޕީއެންސީން ގެންދަނީ މާލެއާއި އަތޮޅު ތެރޭގައި ވެސް ކެމްޕެއިން ޖަގަހަތައް ހުޅުވައި ދޮރުން ދޮރަށް ހަރަކާތްތައް ވެސް ކުރިއަށްގެންދަމުންނެވެ.

އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ތަފާތު އެކި ހަރަކާތްތައް ގެންދަނީ ހިންގަމުންނެވެ.

މާލޭގައި ވެސް ދޮރުން ދޮރަށް ހަރަކާތްތައް ކުރިއަށްގެންދަމުން އަންނަ އިރު، ރައީސް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވައެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްވެސް އެ ދުވަހު ނެގުމަށް ހަމަޖެހިފައިވެއެވެ.