އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމު ކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އައްޔަބޭ ޕާޓްނާސްއާއެވެ.

މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ޤުރުއާނާއި ބެހޭ އުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މީގެ އިތުރުން އެ ކުންފުންޏާއި ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައެވެ.

މީގެ އިތުރުން ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި  ހަވާލުކޮށްފައިވެއެވެ.

އިސްލާމީ ދާއިރާއިން މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ވަގުފު އިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސް މުއިއްޒުގެ ޒަމަތުގައި މި ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.