ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫ ސިޓީއާއި ފުވައްމުލަކަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެކަމަނާ އެންމެ ފުރަތަމަ މިއަދު ވަޑައިގެންފައިވަނީ ތިނަދޫއަށެވެ. އެ ސިޓީން އެކަމަނާއަށް މަރުހަބާ ދެންނެވުމަށްޓަކައި ވަރަށް ގިނަ ރައްޔިތުން ބަނދަރު މައްޗަށް ނުކުމެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އެކަމަނާ ވަނީ ތިނަދޫ ސިޓީން ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާފައެވެ. އަދި ތިނަދޫގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާ، ޕީއެންސީގެ ކެމްޕެއިން ’ދޮރުން ދޮރަށް‘ ހަރަކާތުގައި ވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޒިޔާތްތަކުގައި އެކަމަނާ ވަނީ ރައްޔިތުންގެ ހާލު ބައްލަވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ.

ތިނަދޫއަށް ފަހު އެކަމަނާ ފުވައްމުލަކަށް ވަޑައިގެންނެވިއިރު، އެރަށުން ވެސް އެކަމަނާއަށް މަރުހަބާ ކިޔުމަށް ވަރަށް ގިނަ ރައްޔިތުން ވަނީ ނުކުމެފައެވެ.

ފުވައްމުލަކުގައި ވެސް ޕީއެންސީން ކުރިއަށްގެންދާ ’ދޮރުން ދޮރަށް‘ ހަރަކާތުގައި އެކަމަނާ ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ދެން އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީން ވަރަށް ފޯރިއާއެކު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދަމުން އަންނަ އިރު، މި ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި މެޑަމް ސާޖިދާވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މާލޭގައި ޕީއެންސީން ހުޅުވާ ގިނަ ޖަލްސާތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވައެވެ.