ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ތާއީދުކުރެއްވި ނަމަވެސް، އެ ތާއީދު އަނބުރާ ގެންދެވީ ”ޕްރެޝަރ“ އެއްގެ ސަބަބުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިގްބާލް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި ހަރަކާތުގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

އިގްބާލް ވިދާޅުވީ ކޮންމެ މީހަކުވެސް ގައުމަށް ވަފާތެރިވެ އިހުލާސްތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ވިސްނުމަކުން ވިސްނި ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ވާނީ ފައިދާ ކަމަށެވެ. އިގްބާލް ވިދާޅުވީ މިކަމަށް ކުރީގެ ބައެއް ރައީސުންނާއި ސަރުކާރުގެ ބައެއް އިސްވެރިން މީގެ ކުރިން ތާއީދުކުރެއްވި އިރު، މައި ދެ އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއެކު، ތިން އިންތިހާބުވެސް އެއް ދުވަހެއްގައި ބާއްވަން ތާއީދު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ ތާއީދު އަނބުރާ ގެންދެވީ ކޮންމެވެސް ޕްރެޝަރެއްގެ ސަބަބުން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށާއި، ހަގީގަތުގައި އެ ބޭފުޅުން ވެސް ތާއީދު ކުރައްވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެސް މީގެ ކުރިން ތާއީދުކުރެއްވި ކަމަށެވެ. އަދި މި ސަރުކާރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މަސައްކަތް ފެށުމާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަމަށް ތާއީދުކުރައްވައި އެކްސްގައި ޕޯސްޓެއްވެސް ކުރެއްވުމަށް ފަހު، ފަހުން އަނބުރާ އެ ތާއީދު ގެންދިޔުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އިގްބާލް ވިދާޅުވިއެވެ.

”ރައީސް ސާލިހުވެސް ރައީސް ނަޝީދުވެސް ހަގީގަތުގައި މިކަމަށް ތާއީދުކުރައްވާ. އެހެން ނަމަވެސް ކޮންމެވެސް އެހެން ކަހަލަ ޕްރެޝަރެއްގެ ތެރެއިން އެ ތާއީދުކުރައްވާ ކުރެއްވުން ވަގުތީ ގޮތުން ގެންދެވިކަމުގައި ވިޔަސް ހަގީގަތަކީ އެ ބޭފުޅުންވެސް ތާއީދުކުރައްވައޭ.“ އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ ކުރަން ޖެހޭ މަސައްކަތްތައް އެއް ފަހަރުން ކޮށްގެން ނިންމެން އޮންނައިރު، ދެފަހަރުން އެ މަސައްކަތް ކޮށްގެން ކޮންމެހެން ނިންމަން ނުޖެހޭ ކަމަށެވެ.

”ކޮންމެ އިންތިހާބެއްގައި މަދުވެގެން، ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް މަސައްކަތްތަކެއްގައި އެއް ވަގުތެއްގައި 5000 މީހުން ހަރަކާތްތެރިވާނެ. ދެ އިންތިހާބު އެކީގައި ބާއްވާކަމުގައި ވެއްޖެއްޔާމު އަޅުގަނޑުމެންނަށް ކޮންމެ ގޮތެއް ވިޔަސް އެ 5000 މީހުން ދެފަހަރު ތަކުރާރު ކުރާކަށް ނުޖެހޭ. އެ ހޭދަވާ ފައިސާ ދެފަހަރު ތަކުރާރު ކުރާކަށް ނުޖެހޭ. އަޅުގަނޑުމެން ކެމްޕެއިނުގައި އުޅޭ، އެހެނިހެން ޕާޓީތަކުންނާއި، އަދި އެނޫންވެސް ގޮތް ގޮތުން ކެމްޕެއިން ކުރައްވާ ބޭފުޅުން ދެ ފަހަރަށް ނުކުމެ އެ މަސައްކަތް ކުރާކަށް ނުޖެހޭ.“ އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާނަމަ ހަގީގަތުގައި ވާނީ ފައިދާ ކަމަށެވެ. އެގޮތުން މާލީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ވަގުތުގެ ގޮތުންނާއި، އިންސާނީ ވަސީލަތުގެ ގޮތުންނާއި އަދި ސުލްހަ މަސަލަސްކަމާއި އަމާންކަމުގެ ގޮތުން ވިޔަސް ވާނީ ފައިދާ ކަމަށް އިގްބާލް ވިދާޅުވިއެވެ.