ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ”ޔޯ ވޮއިސް، ޔޯ ވޯޓް، ޔޯ ފިއުޗަރ“ ލީޑަޝިޕް ވޯކްޝޮޕް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

30 އަހަރުން ދަށުގެ 117 ޒުވާނުން ބައިވެރިވި މި ޕްރޮގްރާމް ބިނާވެފައިވަނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ.

އެއީ ޒުވާނުންގެ ލީޑަޝިޕާއި، ރެފަރެންޑަމްއާ ގުޅޭ ހޭލުންތެރިކަން، އަދި ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރާ ގުޅޭ ގޮތުންކަމަށް އެ ބޯޑުން މައުލޫމާތު ދިނެވެ.

ޒުވާނުންގެ ލީޑަޝިޕް ސެޝަނުގައި، ހަރުދަނާ ލީޑަރަކަށް ވުމަށް ބޭނުންވާ ހުނަރުތަކާއި، ކާމިޔާބީގެ ދަތުރުގައި އަމިއްލަ ވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ އިތުރުން، ކޮންމެ ޒުވާނެއްގެ އަޑަކީވެސް މުޖުތަމައުގައި ނުހަނު ބަރުދަން ހުރި އަގުހުރި އެއްޗެއްކަން ބައިވެރިންނަށް އޮޅުންފިލުވައިދެވުނު ކަމަށް އެ ބޯޑުން ބުންޏެވެ.

ރެފަރެންޑަމްއާ ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަންގައި، ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓަކީ ކޮބައިކަމާއި، އެފަދަ ނިންމުންތަކުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށްވެސް ޔޫތު ބޯޑުން ބުންޏެވެ.

އަދި ގައުމީ ނިންމުންތަކުގައި ޒުވާނުން ވޯޓުލާންޖެހޭ ސަބަބުތަކާއި، އަންނަ މަހު ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ މުހިންމުކަމުގެ އިތުރުން، އެ ވޯޓުގައި ”އާނއެކޭ“ ބުނުމުން ލިބިގެންދާނެ ފައިދާތަކާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނު ކަމަށް ޔޫތު ބޯޑުން ބުންޏެވެ.

ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރާ ގުޅޭ ސެޝަންގައި، ކުރިއާ އަޅާބަލާއިރު މިހާރު ޒުވާނުންނަށް ހުރި ފުރުސަތުތަކާއި، މި ސަރުކާރުން ޒުވާނުންނަށާއި ޒުވާނުންގެ މުސްތަގުބަލަށް ދޭ އިސްކަން ބައިވެރިންނާ ހިއްސާކުރެވުނު ކަމަށްވެސް ޔޫތު ބޯޑުން ބުންޏެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށްވެސް މި ސެޝަންގައި ވާހަކަދެކެވުނު ކަމަށް ޔޫތު ބޯޑުން ބުންޏެވެ.

ޔޫތު ބޯޑުން ބުނީ މި ވޯކްޝޮޕަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޕްރޮގްރާމްގެ މައިގަނޑު މަގުސަދުތަކާއި މެސެޖުތައް ހުރިހާ ބައިވެރިންނަށް ވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދެވިފައި ކަމަށެވެ.