ހުޅުމާލެއިން އުސޫލާ ޚިލާފަށް ޕާކިން ސްލޮޓްތަކެއް ދޫކުރަމުންދާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގެ ދަށުން އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށްޓަކައި، އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ޕާކިން ސްލޮޓްތަކަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވެއެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތުތައް އުސޫލުގެ ތެރެއިން އިވެލުއޭޓްކޮށް، ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓު އިއުލާނު މެދުވެރިކޮށް އާންމުކޮށް ފެންނާނެހެން ޝާއިއުކޮށްފައިވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މި މަސައްކަތަކީ ދެފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑުކޮށް ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކޮށް އެޗްޑީސީން ބުނީ، މިކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދިއުމަކީ އެ ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން އެޗްޑީސީން ބުނީ، މިފަދަ ދޮގު މައުލޫމާތު ފަތުރައި ކޯޕަރޭޝަންގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.
ހުޅުމާލޭގެ ތަރައްގީއާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުންދާކަން އެޗްޑީސީން ފާހަގަކުރެއެވެ.

