މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާގުޅޭ ގޮތުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފިއެވެ.

ރައީސް ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ ދަރިކަނބަލުން ވެސް ވޯޓު ލެއްވުމަށް ވަޑައިގަތެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ މައްޗަންގޮޅި މެދު ދާއިރާގެ ވޯޓު ފޮށްޓަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު ވޯޓުލުމަށް ކަނޑައަޅާފައިވާ ޖުމްލަ 588 ވޯޓު ފޮށީގެ ތެރެއިން ގަޑިއަށް ވޯޓުލުން ފެށުނީ 585 ވޯޓު ފޮށްޓެއްގެ ކަމަށެވެ. އަދި މިހާރު ހުރިހާ ވޯޓު ފޮށްޓެއްގައިވެސް ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށް އީސީން ބުނެފައިވެއެވެ.

 

 

މި އިންތިހާބުގައި ޖުމްލަ 2961 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ 1593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރައްވާ 1368 ކެންޑިޑޭޓުންނެވެ.

އީސީން ބުނެފައިވަނީ މިއަދު ހަވީރު 4:00 ގައި ވޯޓުލާ ކިޔުތައް ބަންދުވާނެ ކަމަށެވެ.