އިންތިހާބުތަކުގެ ނަތީޖާ އަކީ ކަންކަން އިސްލާހު ކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ތިން އިންތިހާބުގެ ނަތީޖާއާއި ގުޅިގެން، މިނިސްޓަރު ޝިޔާމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު މަގްސަދުތަކުގެ ތެރޭގައި އިންތިހާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިހާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ.

”އިންތިހާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ. އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް. އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިންމު އިންތިހާބެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދެއްވައިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އިންތިހާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ ކަމަށާއި، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

”އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުހަބާ. އަދި މި އިންތިހާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތަކަށްވެސް ތިކުރެއްވި މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވަން.“ މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވަނީ، އިންތިހާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ މި ފަހަރުގެ އިންތިހާބުގައި ޕީއެންސީގެ ރައީސް، ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓުލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި އާދަޔާ ހިލާފު ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ޝުކުރު ބަރުތީލަކުރައްވައިފައެވެ.