މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމުން، ވޯޓު ދެއްވި ހުރިހާ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އާންމުކުރެއްވި ޝުކުރުގެ މެސެޖުގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އަދި އިންތިހާބުގައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ކޮންގްރެސްގެ ލީޑަރޝިޕާއި މެންބަރުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

”މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެެކު ހަނދާން ބަހައްޓާނަމެވެ,“ ޖަލީލު ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލުގެ މެސެޖުގައި ވަނީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާފައެެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާ ދިވެހި ރައްޔިތުންނަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން ކަމަށެވެ.