ގދ. ގައްދޫ އަތޮޅު މަދަރުސާގެ ދަރިވަރަކު، އެ ސްކޫލުގެ އަންހެން މުދައްރިސަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ކުރީ ވަގުތެއްގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:46 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާލިބިފައިވަނީ އެ މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ހެލްތު ސެންޓަރުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އިތުރު ފަރުވާއަށް މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އެ މުދައްރިސަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

