މަދިރި މަދު ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަން ފަށައިފި
މަދިރި ކޮންޓްރޯލް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ފޮގް ކުރުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމަޔަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސަައްކަތް އެޗްޑީސީއިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރަމުންދާނެ ކަމަށެވެ.

އެގޮތުން، މަދިރި ކޮންޓްރޯލް ކުރުމަށް، ފަތިހު 4:00 އިން 6:00 އަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮގް ކުރުމުގެ ހަރަކާތް ކުރިޔަށްގެންދަން ވަނީ ނިންމައިފައެވެ. އަދި މިއަދު ފަތިހު މިކަން ފަށާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޑެންގޫ ޖެހިގެން ރިޕޯޓުކުރާ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާއިރު، ފާއިތުވި މާޗްމަހު އެކަނިވެސް އެ ބަލީގެ 535 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.