ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި ފަޅުތެރޭގައިވާ ޑައިވް ރެކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް މުރަކަ އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.

މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީން ބުނީ މާލޭ ސަރަހައްދުގައި ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެ ކޯޕަރޭޝަނުގެ އީމެއިލް އެޑްރެސް csr@hdc.mv އަށް މެއިލްކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން، އެޗްޑީސީން ކުރިއަށްގެންދާ ތިމާވެށީގެ އެކި މަޝްރޫއުތަކުގައި މަދަނީ ޖަމިއްޔާތަކުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.