ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް ނުދޭނަމަ، އީމާންކަން ފުރިހަމަ ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުތުބާގެ މައުޟޫއުއަކީ، ”އިޖުތިމާއީ އަދާލަތު ގާއިމު ކުރުމުގައި ޒަކާތުގެ ދައުރު“ މިއެވެ.

ހުތުބާގައި ބުނީ މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ސަދަގާތެއް ނޫން ކަމަށާއި، އެއީ އަހަރުމެންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ، އިސްލާމްދީނުގެ މުހިންމު ރުކުނެެއް ކަމަށެވެ.

”އެއީ އިސްލާމްދީނުގެ ބިންގަލާ ގުޅިފައިވާ، އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް  ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް.“ މިއަދުގެ ހުތުބާގައި ބުންޏެވެ.

ޒަކާތުގެ މާނައަށް ފުންކޮށް ވިސްނައިލުމުން، އޭގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވާކަން ހަނދުމަކޮށްދެމުން ހުތުބާގައި ވަނީ، ޒަކާތުގެ މާނައަކީ ތާހިރު ވުމާއި އިތުރުވުންކަމަށް ބުނެފައެވެ. އެގޮތުން ޒަކާތް ނެރޭ މީހާގެ ނަފްސު ދަހިވެތިކަމާއި، މުށްބާރު ކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބިން ތާހިރު ކޮށްދޭ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

”ހަމައެއާއެކު ހިސާބު ކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތް ލެއްވެއެވެ.“ ހުތުބާގައިވެއެވެ.
ހުތުބާގައި ވަނީ ކީރިތި ޤުރުއާނުގެ 28 އާޔަތެެއްގައި، ނަމާދާއެކުގައި ޒަކާތުގެ ވާހަކަ ބަޔާން ކުރައްވާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
މި ދެ އަޅުކަން މިފަދައިން ގުޅި ލާމެހިފައި ވުމުން ދޭހަ ކޮށްދެނީ ވަަރަށް ފުން މާނައެއް ކަމަށާއި، ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާ ނުކުރާނަމަ، އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ވެސް ހުކުރު ހުތުބާގައިވެއެވެ.