ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަމަހައްޓައި، ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ އިތުރުން، ކައުންސިލް އިދާރާތަކާއި ސާންމު ފަރުދުން ފާޅުކުރައްވަމުންދާ އޯގާތެރި ޝުއޫރުތަކަށް އާދަމް ޝަރީފް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
ވަކިން ހާއްސަކޮށް، މިނިސްޓްރީގެ މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް އޭނާ ޝުކުރު ދެންނެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވައިގެން ކަމަށެވެ.
”ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ލިބިގެން ނޫނީ މި ނިޒާމު ފުރިހަމައެއް ނުވާނެ.“ އޭނާ ވިދާޅުވިއެވެ.
އޭގެއިތުރަށް އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކުން އެންމެ ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަކީ މުހިންމު މެދުވެރިއަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

